ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނެ ވަޤުތުތައް ކަނޑައަޅުއްވައިފި

9 months ago

އާދަމް ޙަނީފް

ރޯދަމަހު ސުކޫލްތަކުގައި ކިޔަވައިދޭ ވަގުތަކީ ހެނދުނު 9:00 އިން ހަވީރު 3:00 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ހަމަޖައްސަވައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީ ނެރުނު ސާކިއުލާގައި ވާގޮތުން ރޯދަމަހު ހެނދުނު ދަންފަޅީގެ ކިޔެވުން ފެށޭ ގަޑިއަކީ ހެނދުނު 8:40 އާއި 9:00 އާއި ދެމެދު އެވެ. އަދި މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ފަށާ ގަޑިއަކީ ހެނދުނު 11:30 އާއި މެންދުރު 1:00 އާއި ދެމެދު އެވެ.


ރޯދަމަހު ގްރޭޑް އެކަކުން ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައި ވަނީ ދެ ގަޑީއިރާއި 30 މިނެޓަށެވެ. އަށަކުން 10 އަކާ ދެމެދު ކިޔަވާ ދަރިވަރުންނަށް ތިން ގަޑީއިރު، އަދި ގްރޭޑް 11 އާއި 12 ގެ ދަރިވަރުންނަށް 4 ގަޑިއިރު އެވެ. މަތީ ތައުލީމަށް ކިޔަވައިދޭ ސްކޫލްތަކުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ކިޔެވުން ވެސް އެއް ގަޑީއިރާއި 30 މިނެޓަށް ވުރެ ދިގުނުވާ ގޮތަށް ހަމަޖެއްސުމަށް މިނިސްޓްރި އިން ވަނީ ބުނެފަ އެވެ.


މީގެ އިތުރުން މިނިސްޓްރި އިން ނެރުނު ސާކިއުލާގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުން ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެހެން ސާކިއުލާގައި ބުނެފައިވާ ގޮތަށް ދަންފަޅީގެ ގަޑިތައް ހަމަޖެއްސުމަށާއި، ކޮންމެ ގަޑިއެއްގެ ދިގުމިން 30 މިނެޓާ 45 މިނެޓާ ދެމެދަށް ހަމަ ޖެއްސުމަށް ވެސް ބުނެފައި ވެއެވެ.


ރޯދަމަހު ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ނަމާދު ވަގުތުތައް ފާއިތު ނުވަނިސް ނަމާދު ކުރެވޭނެ ގޮތް ފަހި ކޮށްދިނުމަށާއި ދަންފަޅި ނިމުމުން ލަސްނުވެ ގެއަށް ދެވޭނެގޮތް ހަމަޖެއްސުމަށް ވެސް މިނިސްޓްރީ އިން ނެރުނު ސާކިއުލާގައި ބުނެފައި އެވެ. އަދި ސްކޫލްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ދީނީ ހަރަކާތްތައް ރާވައި ހިންގުމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން މަޣްރިބް ނަމާދާއި އިޝާ ނަމާދުގެ ވަގުތުގައި އެއްވެސް ސްކޫލް ހަރަކާތެއް ނުހިންގުމަށާއި ސްކޫލްގައި ހިންގާ ހަރަކާތްތައް ތަރާވީހް ނަމާދަށް ފުށުނާރާ ގޮތަށް ރާވާ ހިންގުމަށް ވެސް މި ސާކިއުލާގައި ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު