ޢީދު ފޯރި 1446 - ދ.ކުޑަހުވަދޫ ކައުންސިލުގެ ހަރަތާތްތައް
އެޑްމިން
ދ.ކުޑަހުވަދޫ ކައުންސިލުން މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް އިޢުލާންކޮށްފިއެވެ. މިގޮތުން ޢީދު ދުވަހާއި އެދުވަހާއި ގުޅިގެން އަންނަ ދުވަސްތަކުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ކައުންސިލުން މަޢުލޫމާތު ހިއްސާކުރަށްވާފައިވާ ގޮތުގައި، "ޢީދު ފޯރި 1446" ގެ ހަރަކާތްތައް ފެށޭނީ ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ބޭއްވޭ ނައިޓް މާކެޓުންނެވެ. މާކެޓް ފެށުމަށް ހަމަޖެހިފައިވަނީ 5 ޖޫންގައެވެ.
މި އަހަރުގައިވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާޢަތުގައެވެ. ޢީދު ނަމާދު ކުރެވޭނީ ހެނދުނު 7:00 ގައި ކުޑަހުވަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. ކައުންސިލުން އިންތިޒާމުކުރާ ހެނދުނުގެ 'ޢީދު ސައި' ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ 7:30 އިން 8:30 އަށް ބޮޑާވަށް މައިޒާނުގައެވެ.
ކޮންމެ ބޮޑު ޢީދެއްގައި ކުޑަހުވަދޫގައި ކުރިއަށް ގެންދެވޭ އުޟްޙިޔާ ކަތިލުން މިއަހަރުވެސް ކުރިއަސް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހު ހެނދުނު 8:00 އިން 10:00 އަށް ބޮޑާވަށް މައިޒާނުގައެެވެ. ޢީދު ދުވަހު ހަވީރު 4:00 އިން 6:00 އަށް ބަނދަރު ސްޓޭޖް ސަރަހައްދުގައި ޢާއިލީ ހަވީރު ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ.
ޢީދާއި ގުޅިގެން، މަސްރޭހެއް ކުރިއަށް ގެންދިއުމުގެ އިތުރުން ވެޓަރަންސް ފުޓްބޯޅަ މެޗް އެއް ކުޅުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މީގެ އިތުރުން ޢީދު ފޯރީގެ އެންމެ ފަހު ހަރަކާތްގެ ގޮތުގައި، 8 ޖޫން ރޭގަނޑު 8:30 އިން 10:00 އަށް ބަނދަރު ސަރަހައްދުގައި ބާބަކިޔު ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުޑަހުވަދޫ ކައުންސިލުން މިފަދަ ގިނަ ހަރަކާތްތަކެއް ރާވާފައިވަނީ ރަށުގެ ރައްޔިތުންނަށް އުފާވެރި ޢީދެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ. މި ހަރަކާތްތަކުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެ، ޢީދުގެ އުފާވެރިކަން ފުރިހަމައަށް ހިއްސާކުރެވިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް