Article Image

މަޒުމޫނު

އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައްޕައިންގެ ދައުރު

ދަރިންގެ ރަނގަޅު ތަރުބިއްޔަތު ފެށިގެން އަންނަނީ ބައްޕަގެ ކިބައިންނެވެ. ދަރީންނަކީ އެމީހުންގެ ބެލުމުގެ ދަށުގައިވާ ނާޒުކު އޮށް ތަކެކެވެ. އެކުދިންނަށް ޙަލާލުކަންތަކާއި، ޙަރާމްކަންތަކާއި، ހެޔޮ ގޮތާއި ނުބައި ގޮތް ދަސްވެގެންދަނީ އެމީހުންގެ ފުށުންނެވެ. އަދި އެކުދިން ބޮޑުވާއިރު، އެކުދިންގެ ވިސްނުމާއި ފިކުރު ބައްޓަންވެފައި ހުންނަނީ ކުޑައިރު ދަސްވެފައިވާ ނުވަތަ ފެނިފައިވާ މަންޒަރުތަކުގެ މައްޗަށް ބިނާކޮށެވެ. އެއަށްފަހު، މިކުދިން މަންމައިންނަށް ނުވަތަ ބައްޕައިންނަށްވެ، އަންނަން އޮތް ޖީލުތަކަށް އެކުދިންގެ ވިސްނުމާއި ފިކުރު ދަސްކޮށްދެއެވެ. އެހެންކަމުން އެންމެހާ ބައްޕައިންނޭވެ. ތިރީގައި މިވާ ކަންކަމަށް ސަމާލުކަން ދޭށެވެ.

1- ތިޔަބައިމީހުންގެ އަންހެން ދަރިންނާއި ފިރިހެންދަރިންނާއި މެދު ޢަދުލާއި އިންސާފުން ކަންތައް ކުރާށެވެ. ލޯތްބާއި، އަޅާލުން ދިނުމުގައެވެ. އަދި ހަދިޔާ ނުވަތަ ތަކެތި ދިނުމުގައެވެ. ފިރިހެން ކުދިން، ފިރިހެން ކުދިންނަށް ވީތީ އެކުދިންނަށް އިސްކަން ނުދޭށެވެ. އަދި އަންހެން ކުދިން އަންހެން ކުދިންނަށް ވީތީ އެކުދިން ބާކީ ކޮށްނުލާށެވެ. ތަކެތި ދޭއިރު، ފިރިހެންކުދިންނަށް ތަކެތި ދިނުން މާ މުހިއްމު ކަމަށް ދެކި، އެކުދިންންނަށް އެކަނި ތަކެތި ނުދޭށެވެ. އެހެންނަމަވެސް، އުމުރުން ދޮށީ ދެޖިންސުގެ ކުދިންނަށް އެއްޗެހި ހޯދައިދޭން ޖެހޭ ވަރު، އެއަށްވުރެ ކުޑަކުދިންނަށްވުރެ ގިނަވެދާނެއެވެ.

2- ފިރިހެނުންނަކީ ފާޑުކިޔޭނެ ބައެއް ކަމަށް ނުދެކޭތީ، ފިރިހެންކުދިންނަށްވީތީ އެކުދިން ކުޑައިރު ކުރާ ކުށްތަކަށް މާފުކޮށް، އެކުށްތަކުން އެކުދިން ރެކެވިޔަ ނުދޭށެވެ. އެއީ ޘަވާބާއި، ޢަޒާބުލިބުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމައެވެ. ޤިޔާމަތްދުވަހުގައި، ފިރިހެނުންނަށްވީތީ އެމީހުންނަށް މާފެއް ނުލިބޭނެއެވެ. ކޮންމެ ބަޔަކުވެސް އެބަޔަކު ކުރި ޢަމަލަކަށް ޖަޒާލިބޭނެއެވެ.

3- އަންހެން ދަރިންގެ މައްޗަށް އަމުރު ހިންގުމަށް ފިރިހެން ދަރީންނަށް ދޫކޮށްނުލާށެވެ. މިކަމަށް އަންހެން ދަރިން ތަރުބިއްޔަތު ކުރުމޭ ބުނެ މިކަން މިގޮތަށް ވިޔަނުދޭށެވެ. ސަބަބަކީ ދަރިން ތަރުބިއްޔަތު ކުރުމަކީ މަންމައާއި ބައްޕަގެ މަސްއޫލިއްޔަތެކެވެ. އެއްބަނޑު އެއްބަފާ ކުދިން އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގައި ބަލާ މިންގަނޑަކީ އުމުރުކަމާއި، ބުއްދިއާއި ޤާބިލުކަން ހުރި ވަރުކަން ބުނެދޭށެވެ. އެކުދިން ނިސްބަތްވާ ޖިންސު ނޫންކަން ބަޔާންކޮށްދޭށެވެ.

4- އިސްލާމީ އުސޫލުތަކާއި ފުށުއަރާ ވިސްނުންތަކާއި، އާދަކާދަތަކާއި، ޘަޤާފަތް ދޫކޮށްލާށެވެ. ޚާއްޞަކޮށް އަންހެން ކުދިންނާއި ގުޅޭ ގޮތުން ފެތުރިފައިވާ މިފަދަ އާދަތަކާއި، ވިސްނުންތަކެވެ. އަދި މިކަންކަމުގެ ބަދަލުގައި، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފާށެވެ. މިގޮތުގައި ޘާބިތުވުމަށްޓަކައި، ތިބާގެ ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދޭށެވެ، އަދި ޙައްޤު ގޮތުގައި ތިބުމަކީ ހިތްވަރުގަދަ ކަމެއްކަން ބުނެދޭށެވެ. މީހުން ދައްކާ ވާހަކައަށް ބިރުނުގަތުމަށާއި، މީސްތަކުންގެ ނުރުހުމުގައި ﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކޮށްފިނަމަ، ﷲ އެމީހެއް ދެކެ ރުއްސަވާވޮޑިގަންނަވާނެ ކަމާއި، އަދި މީސްތަކުންގެ ރުހުންވެސް ލިބޭނެގޮތް މެދުވެރިކުރައްވާނެކަން ބުނެދޭށެވެ.

5- އަންހެން ކުދިންނަށް ކައިވެނި ކުރުމަށް މަގު ފަސޭހަކޮށްދޭށެވެ. އޭނާއަށް ޙަލާލު ކަންކަމަށް އޮތް މަގު ދަތިކޮށް، ޙަރާމްކަންކަމުގެ ތެރެއަށް ދިއުމަށް މަޖުބޫރުނުކުރާށެވެ. އެއީ ބައެއް ބައްޕައިން، އެމީހުންގެ އަންހެން ކުދީންގެ ކައިވެނީގެ ބަދަލުގައި އަގުބޮޑު ތަކެއްޗަށް އެދެއެވެ.

6- ތިބާގެ މަސައްކަތަކީ ތިބާގެ އަންހެން ދަރިފުޅަށް މުއްސަނދި ފިރިއަކު ހޯދުން ކަމުގައި ނަހަދާށެވެ. ރަގަޅު ދީންވެރި މީހަކު އަންހެން ދަރިފުޅާއި އިންނަން އަތުވެއްޖެނަމަ އެކަމަށް ހުރަސް ނާޅާށެވެ.

7- އަންހެން ދަރިފުޅު ކައިވެނިކޮށް ކައިވެނިކުރިއަށް ނުގެންދެވޭނެކަން ޔަޤީންވުމުންވެސް ބައެއް ބައްޕައިން އެކުދިން ވަރިވުމާއިދެކޮޅު ހަދައެވެ. އެކުދިންނަށް ޚަރަދުކުރަންޖެހިދާނެތީ ނުވަތަ މީހުން ބުނާނެ އެއްޗަކަށް ބިރުން ކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް މީގެ ސަބަބުން ހުރިހާ ތަކުލީފެއް ކުރިމަތިވަނީ އަންހެން ކުއްޖާއަށެވެ. ހަމަމިއާއެކު ރަގަޅު ދިރިއުޅުމަކުން އެކުއްޖާ މަޙުރޫމުވެގެން ދެއެވެ.

8- ތިބާގެ އަންހެން ދަރިން ނުރުހޭ މީހުންނާއި ކައިވެނި ކުރަން މަޖުބޫރުނުކުރާށެވެ. މިކަމުގެ ސަބަބުން އެކުދިންގެ ދިރިއުޅުން ހަލާކުވެ، އަދި ވަރިއަށް މަގުފަހިވެއެވެ. މީގެ މާނައަކީ ހިލޭ ފިރިހެނުންނާއި ރައްޓެހިވުމަށް ފުރުސަތު ދޭށެކޭ ނޫނެވެ. އެހެންނަމަވެސް، އެއިން ކުއްޖަކާ ކައިވެނިކުރަން މީހަކު އެދިއްޖެނަމަ، އެކުދިންގެ ޚިޔާލު ހުރިނެތް ގޮތް އަހާ އޮޅުންފިލުވައި، އެކުދިންގެ ރައުޔަށް އިޙްތިރާމްކުރާށެވެ.

ތަރުޖަމާ: ޢާބިދާ މުއައްޔިދު ލިޔުއްވާފައިވާ ''ސުންނަތުއް ތަފާޟުލް'' މިފޮތުން ނެގިފައި

ލިޔުންތެރިޔާ

ހުޝާމާ އަޙްމަދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ