"މުޖުތަމަޢު އިޞްލާހުކުރާނީ ކިހިނެތް؟" ޑރ.ސައްތާރު ކުޑަހުވަދޫގައި ދެއްވި ދަރުސް.
ހަމަޖެހޭ މުޖުތަމަޢެއްގެ ޞިފައެއްގެ ގޮތުގައި، މީހުންގެ ކުއްތައް ހޯދުމުން ދުރުހެލިވެ، ކުށެއް މީހެއްގެ ކިބައިން ފެނިއްޖެނަމަ އެމީހަކަށް ނަޞޭޙަތްތެރިވުމަށް ޑޮކްޓަރު އެދިލެއްވިއެވެ. އަދި ކުށެއް ނުވަތަ ފާފައަކަށް އަރައިގަނެއްވިއްޖެނަމަ އަވަހަށް ތަޥްބާވުމަށް ނަޞޭޙަތްތެރިވިއެވެ.
މުޙައްމަދު އަމްޖަދު
ކުޑަހުވަދޫ ކައުންސިލާއި ޔުނައިޓެޑު އިސްލާމިކް ސޮސައިޓީން ގުޅިގެން ޑރ.ސައްތަރުގެ ޚާއްޞަ ދަރުސް މިރޭ ބާއްވައިފިއެވެ. މިރޭގެ ދަރުހުގެ މަޥްޟޫޢުއަކީ "މުޖުތަމަޢު އިޞްލާޙް ކުރާނީ ކިހިނެއް؟"
މިރޭގެ ދަރުހުގައި ޑރ.ސައްތާރު ވާހަފުޅުތައްކަވަމުން، މުޖުތަމަޢުތަކުގައި ހުރި މައްސަލަތަކާއި އޭގެ ޙައްލުތައް ޤުރްއާނާއި ނަބަވީ އިރުޝާދުގެ އަލީގައި ގެނެސްދެއްވިއެވެ. އަދި މުޖުތަމައެއް އިޞްލާހުކުރުމަށްޓަކައި މީސްތަކުންގެ ކިބައިގައި އަށަގަނެފައިހުރި، ނުރަނގަޅު އާދަތައް ނައްތާލުމާއިއެކު ދަރިންނަ ލޯތްބާއިއެކު ނަޞޭޙަތްތެރިވުމަށް އިރުޝާދުދެއްވިއެވެ. އެކުދިން ކުރާ ރަނގަޅު ކަންކަމަށް ހިތްވަރުދިނުމާއިއެކު، ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިފުޅަށްދެއްވި ނަޞޭޙަތްޕުޅުގެ ވާހަކަ ގެންނެވިއެވެ.
ހަމައެހެންމެ، މުޖުތަމަޢު އިޞްލާހުކުރުމަށްޓަކައި، މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަދި މައިންބަފައިންނަށްވުރެއް ބޮޑަށް ދަރިންނަށް ހެޔޮއެދޭނޭ އިތުރުބައެއް ނުވާނޭކަން މިސާލުތަކާއިއެކު ގެންނެވިއެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ދިނުމަކީ މުޖުތަމަޢު އިޞްލާހަށް ކުރުމަށްޓަކައި ކުރަން މުހިއްމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. ކަންކަން އިޞްލާހުކުރުމަށްޓަކައި އެކަކު އަނެކަކާއި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް އިރުޝާދުދެއްވިއެވެ.

ޑޮކްޓަރުގެ ވާހަކަފުޅުގައި މުޖުތަމަޢު އިޞްލާހުކުރުމަށްޓަކައި، ޙަސަދައާއި ބޮޑާކަމާއި ކިބުރުވެރިކަމާއި ޣީބަ ބުނުމާއި ދުރުހެލިވާންޖެހޭކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ތިމާގެ އަމިއްލަ ނަފްސަށާއި ދަރިންނަށް ކަންކަން އެދޭފަދައިން އެހެން މީހުންނާއި އެހެން މީހުންގެ ދަރިންނާއި މެދު ކަންކަން ކުރުމަކީ މުޖުތަމަޢަ ފައިދާކުރާނޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ހަމަޖެހޭ މުޖުތަމަޢެއްގެ ޞިފައެއްގެ ގޮތުގައި، މީހުންގެ ކުއްތައް ހޯދުމުން ދުރުހެލިވެ، ކުށެއް މީހެއްގެ ކިބައިން ފެނިއްޖެނަމަ އެމީހަކަށް ނަޞޭޙަތްތެރިވުމަށް ޑޮކްޓަރު އެދިލެއްވިއެވެ. އަދި ކުށެއް ނުވަތަ ފާފައަކަށް އަރައިގަނެއްވިއްޖެނަމަ އަވަހަށް ތަޥްބާވުމަށް ނަޞޭޙަތްތެރިވިއެވެ.
170 އަށްވުރެއް ގިނަ މީހުން ޙާޟިރުވި މި ދަރުހުގައި، الله އާއި އެންމެ ބޮޑަށް ކުއްތަންވެވޭނޭ ވަގުތަކީ ސަޖިދައިގެ ވަގުތުކަމުން އެވަގުތުގައި ދުޢާކުރުމަށް އިރުޝާދުދެއްވިއެވެ.
ޝަޢުޤުވެރި ވާހަކަތާއި، ޤުރްއާނާއި ސުންނަތުގެ އަލީގައި ޑރ.ސައްތާރުގެ ވާހަކަފުޅުން މުޖުތަމަޢު އިޞްލާޙުކުރާނެ ގޮތްތަކާއި އިރުޝާދު ވަރަށް ފުރިހަމައަށް ގެނެސްދެއްވިއެވެ.
ޑރ.ސައްތާރުގެ ދަރުހަށް ފަހު ސުވާލުކުރުމުގެ ސެޝަނެއްވަނީ ކުރިއަށް ގެންދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް