އިންޑިއާގެ މިސައިލް ހަމަލާގައި ޕާކިސްތާނުގެ 8 މީހަކު ޝަހީދުވެއްޖެ
ދެކުނު އޭޝިޔާގެ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުހީވެފައިވަނިކޮށް، އިންޑިޔާއިން ޕާކިސްތާނަށް ވަރުގަދަ މިސައިލް ޙަމަލާއެއް ދީފިއެވެ. މި ހަމަލާގައި މަދުވެގެން 8 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެޑްމިން

އިންޑިޔާގެ ދިފާޢީ މިނިސްޓްރީން ބުނާ ގޮތުގައި "އޮޕަރޭޝަން ސިންދޫރު" ގެ ދަށުން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ އިންޑިޔާއަށް އަމާޒުކޮށްގެން ޓެރަރިސްޓް ހަމަލާތައް ރާވާ 9 ތަނަކަށެވެ. އަދި މިއީ އަމާޒު ހިފައިގެން، މިންވަރު ކަނޑައަޅައިގެން، އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް ދިން ހަމަލާއެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވަނީ، "އިންޑިއާއިން މިދިން ހަމަލާއަށް ވަރުގަދަ ރައްދެއް ދިނުމުގެ ޙައްޤު ޕާކިސްތާނަށް އެބައޮތް. އަދި ރަނގަޅު ރައްދެއް ދެމުން މިހާރުވެސް މި ދަނީ" ކަމަށެވެ.
މި ހަމަލާ ދީފައިވަނީ ފާއިތުވި މަހު އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިންނަށް ދިން ހަމަލާއެއްގައި 26 މީހުން މަރުވުމާ ގުޅިގެންނެވެ. އިންޑިޔާއިން ބުނާ ގޮތުގައި އެ ހަމަލާ ރާވާފައިވަނީ ޕާކިސްތާނުގައި ތިބޭ ހަރުކަށި ޖަމާޢަތްތަކުންނެވެ.
އިންޑިޔާއާއި ޕާކިސްތާނުން މިހާތަނަށް ވަނީ ހަތަރު ހަނގުރާމައެއް ކޮށްފައެވެ. އޭގެ ތެރެއިން ތިން ހަނގުރާމަ ކޮށްފައިވަނީ ކަޝްމީރުގެ މައްސަލާގައެވެ. މި ދެ ޤައުމުގެ ދެމެދުގައި އަލުން ހަނގުރާމައިގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ދެ ޤައުމަށް އިލްތިމާސްކޮށް، މައްސަލަ މަޝްވަރާގެ މަގުން ހައްލުކުރުމަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް