Article Image

ޚަބަރު

ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްމާސްކޮށްފި.

ބީ.އެމް.އެލް ސެންޓްރަލް ރީޖަން ލީގު 2026 ގައި ކ. ހުރާ އާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކޮމްޕެޓިޝަން ކޮމިޓީން ނިންމި ނިންމުން ގަބޫލުނުކޮށް، ކުޑަހުވަދޫ ކައުންސިލުން އެ މައްސަލަ ރަސްމީކޮށް ބެލުމަށް އިލްތިމާސްކޮށްފިއެވެ.

އެފް.އޭ.އެމް ގެ ރައީސް އަޙްމަދު ޠާރިޤަށް، 27 މެއި ގައި ފޮނުއްވި ރަސްމީ ސިޓީއެއްގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަލީމް ވިދާޅުވީ، އެފް.އޭ.އެމް އިން މުބާރާތް ހިންގުމުގައި ބޮޑެތި ފަރުވާކުޑަކުރުންތަކެއް ވެފައިވާ ކަމަށާއި، މުޅި މައްސަލަ ނިންމާފައިވަނީ ވަކި ފަރާތަކަށް ޖެހި، ބޭއިންސާފުން ކަމަށެވެ.

Uploaded image

ކާޑުގެ މައުލޫމާތު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު

އެފް.އޭ.އެމް ގެ ރިޕޯޓުގައި ކުޑަހުވަދޫ ޓީމުގެ އަޔާޒް މުޙައްމަދު (ޖާރޒީ ނަންބަރު 21) ދެ ރީނދޫ ކާޑު ހަމަވެފައިވަނިކޮށް މެޗުގައި ކުޅުނު ކަމަށް ބުނާ ބުނުމަށް ކުޑަހުވަދޫއިން ވަނީ ރައްދުދީފައެވެ. ކައުންސިލުން ބުނީ އެފް.އޭ.އެމް އިން ދޫކުރި އެއްވެސް މެޗު ރިޕޯޓެއްގައި އެ ކުޅުންތެރިޔާއަށް ދެ ކާޑު ހަމަވެފައިވާކަން ނުދައްކާ ކަމަށާއި، އަދި އެފް.އޭ.އެމް އިން ފާހަގަކުރާ މެޗުގައި އަޔާޒް ކުޅެފައިނުވާ ކަމަށެވެ. މީގެ އިތުރުން މެޗު ފެށުމުގެ ކުރިން ޓީމު ލިސްޓުގައި ކާޑުގެ އެއްވެސް މައްސަލައެއް ނެތްކަން މެޗު ކޮމިޝަނަރު ހާޝިމް ތަކުރާރުކޮށް ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މައްސަލަ ހުށަހަޅަން އޮންނަ ވަގުތުގެ ފަހުން މައްސަލަ ހުށަހެޅުން

މެޗު ނިމުނުތާ 30 މިނެޓަށްވުރެ ގިނައިރުވީ ފަހުން ހުރާ ޓީމުން ހުށަހެޅި ޝަކުވާ (ޕްރޮޓެސްޓް) އެފް.އޭ.އެމް އިން ގަބޫލުކުރި ކުރުން ކުޑަހުވަދޫއިން ކުށްވެރިކުރެއެވެ. ކައުންސިލުން ހާމަކުރި ގޮތުގައި، ހުރާ ޓީމުން ވަނީ މެޗަށްފަހު އެފް.އޭ.އެމް ގެ އޮފިޝަލުންނަށާއި ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޙަމީދަށް ހަޑިހުތުރު ބަހުން މުޚާތަބުކޮށް، ބިރުދައްކައި، މަޖުބޫރުން ޕްރޮޓެސްޓް ފޯމު ބަލައިގަންނަން ކޮމިޝަނަރަށް މަޖުބޫރު ކުރުވާފައެވެ. ވަގުތު ހަމަވިފަހުން ހުށަހެޅި މި މައްސަލަ ބަލައިގަނެވިގެން ނުވާނެ ކަމަށް ކުޑަހުވަދޫއިން ބުނެއެވެ.

އެފް.އޭ.އެމްގެ ދެފުށްކެހެރި އުސޫލު

ކުޑަހުވަދޫ ކައުންސިލުން ވަނީ އެފް.އޭ.އެމް އިން ކަންކަމުގައި ގެންގުޅޭ ތަފާތުކުރުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން މީގެ ކުރިން ދ. މީދޫގައި ކުޅުނު މެޗުގައި ދަނޑަށް މީހުން އަރައި ހަމަނުޖެހުން ހިންގި މައްސަލަ އެފް.އޭ.އެމް އިން ބަލާފައިނުވާއިރު، އަދި ހުރާ ޓީމުން ހިންގި ހަމަނުޖެހުންތަކަށް ފިޔަވަޅު އަޅާފައިނުވާއިރު، ކުޑަހުވަދޫ ޓީމަށް އެކަނި އަދަބުދީ އެ ޓީމުގެ ކާމިޔާބީ އަތުލުމަކީ ބޭއިންސާފެއް ކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުން، އެފް.އޭ.އެމް ގެ އިދާރީ ފޭލްވުމެއްގެ ސަބަބުން ރެފްރީން ނުފޮނުވިގެން މެޗު ފަސްކުރަން ޖެހުމުން، ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިންނަށް ޖިސްމާނީ ވަރުބަލިކަމަކާއި މާޔޫސްކަމެއް ކުރިމަތިވީއިރު، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކައުންސިލަށް ލިބިފައިވާކަންވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ކުޑަހުވަދޫ ކައުންސިލުން ބުނީ މުޅި މުބާރާތުގެ ނަން އެކި މަރުހަލާތަކުގައި ތަފާތު ގޮތްގޮތަށް ބޭނުންކޮށް، ރަސްމީ ގަވާއިދުތައް ޓީމުތަކަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ. ވުމާއެކު، ކުޑަހުވަދޫ ޓީމާ މެދު އަޅާފައިވާ ފިޔަވަޅުތައް ވަގުތުން ބާތިލްކޮށް، ކޮމްޕެޓިޝަން ކޮމިޓީގެ ނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް ކުޑަހުވަދޫ ކައުންސިލުން ވަނީ ރަސްމީކޮށް އެދިފައެވެ.

އެޑްމިން

ލިޔުންތެރިޔާ

އެޑްމިން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ