މަޒުމޫނު
އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ފިރިންގެ ދައުރު-2
(ކުރީގެ ޢަދަދާއި ގުޅޭ)
5- މަސައްކަތް ނިންމާފައި ގެއަށް އަންނަ ވަގުތަކީ ތިބާ ވަރަށް ވަރުބަލިވެފައިވާނެ ވަގުތެކެވެ. އެހެންނަމަވެސް، ގެއަށް އައިސް ހުރިހާ ރުޅިއެއް އަނބިމީހާއަށް ނުބާލާށެވެ. އަދި އޭނާއަށް ކުޅަދާނަ ނުވާވަރުގެ ކަންކަމަށް އޭނާގެ ކިބައިން ނޭދޭށެވެ. އަދި ހަނދާންކޮށްލާށެވެ. އޭނާ ގޭގައި ހުއްޓަސް އޭނާ ހުރީ ގޭގެ މަސައްކަތާއި ދަރީންގެ މަސައްކަތުގައި އުޅުމުގެ ސަބަބުން ވަރުބަލިވެފައި ކަމަށް ވުން އެކަށީގެންވެއެވެ. އަދި އޭނާވެސް ބޭނުންވެފައިވަނީ އޯގާތެރިކަމާއި، ލުއިފަސޭހަކަމަށެވެ. އެހެންކަމުން ދެމީހުންވެސް، ދިމާވާ ދަތިތަކާއި އުނދަގޫތައް ޙައްލުކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވާންވާނެއެވެ.
6- ތިބާގެ އަނބިމީހާ ގޭގައި ހައްޔަރުކޮށްފައި ނުބަހައްޓާށެވެ. އަދި އޭނާގެ ކޮންމެ ޙަރަކާތެއް ނުހުއްޓުވާށެވެ. އޭނާގެ އަހުލުންނަށް ޒިޔާރަތްކުރުން މަނާ ނުކުރާށެވެ. އެއީ އޭނާގެ އަހުލުންނަށް ހެޔޮކޮށް ހިތުމަކީ އޭނާގެ މައްޗަށް އޮތް ޙައްޤެކެވެ. އެހެންކަމުން ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވާށެވެ.
7- ކޮންމެ މީހަކީ ޞާލިޙު ތަޤުވާވެރިއެއް ނޫނެވެ. އަދި ގިނަ މީހުންނަކީ ނުބައި މަގުން ހިނގާ، ނުބައި ކަންކަން ކުރުމުގައި މަޝްޣޫލުވެ އުޅޭ މީހުންނެވެ. އިބްލީސްގެ އެންމެ ބޮޑު އަދި އެންމެ ފަޚުރުވެރިވާ މަސައްކަތަކީ ދެމަފިރިން ދުރުކުރުމެވެ (ޙަދީޘުގައި މިކަންވަނީ ބަޔާންވެފައެވެ.). އަދި އިންސާނުންގެ ތެރޭގައި އެމީހުންގެ އަޢުވާނުން ވަރަށް ގިނައެވެ. ތިބާގެ އަނބިމީހާއާއި ބެހޭ ގޮތުން ގޯސް ވާހަކައެއް އަޑުއިވިއްޖެނަމަ އެވާހަކަ ޤަބޫލުކުރުމުގެ ކުރިން އޭނާ ކައިރީ އެކަމާއި ބެހޭ ގޮތުން ސުވާލުކުރާށެވެ. އަދި އޭނާއަށް އިތުބާރުކުރާށެވެ. އަދި އަހުލުންނާއި މެދު ގޯސް ހީކުރުމުގެ ބަދަލުގައި، ހެޔޮކޮށް ވިސްނުން އިސްކުރާށެވެ.
8- ފަހަރެއްގައި ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ގިނަވެ ޙައްލުނުކުރެވޭ ހިސާބަށް ގޮސް ދާނެއެވެ. މިހެން ވެއްޖެނަމަ، އޭނާގެ ޙައްޤުތައް އަދާނުކޮށްގޮސް، އެހެން މީހަކާއި ކައިވެނިކޮށް ބޭނުންގޮތަކަށް ދިރިނޫޅޭށެވެ. އަނބިމީހާގެ ކުށެއް އޮތްނަމަވެސް މެއެވެ. މިހެން ހަދައިފިނަމަ އެދެވެނީ އަނިޔާއެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އަނިޔާވެރިކަން ޤަބޫލުނުކުރައްވައެވެ. އަދި މިފަދައިން ކަންކޮށްފިނަމަ، ތިބާއަށް ފާފަލިބޭނެއެވެ.
9- އަދި ހަނދުމަކުރާށެވެ. ތިބާގެ އަނބިމީހާއަކީ ތިބާގެ ހަމަޖެހުމެވެ. ރޫމް ސޫރަތުގެ 21ވަނަ އާޔަތުގައި ﷲވަޙީ ކުރައްވާފައިވެއެވެ. (ومن آياته أن خلق لكم من أنفسكم أزواجا لتسكنوا إليها) މާނައީ: "ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ތެރެއިންވާކަމެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. " އަދި އެއީ ތިބާގެ ފޭރާމެވެ. ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. (هن لباس لكم وأنتم لباس لهن) މާނައީ:"އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންގެ ފޭރާމެކެވެ." ދެމަފިރިންގެ މެދުގައި ހަމަޖެހުމާއި، ލޯތްބާއި، ރަޙްމަތްލެއްވި ފަރާތަކީ މާތް ﷲއެވެ. ރޫމް ސޫރަތުގެ 21ވަނަ އާޔަތުގައި މާތް ﷲވަޙީކުރައްވާފައިވެއެވެ. (وجعل بينكم مودة ورحمة) މާނައީ: "އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ."
ތިބާގެ ޙަޔާތުގެ ބޮޑުބައި އެމީހަކާއި އެކީ ހޭދަކުރެވޭ މީހަކީ ތިބާގެ އަނބިމީހާއެވެ. އެއީ ތިބާގެ ޙަޔާތުގެ ދަތުރުގެ ބައިވެރިޔާއެވެ. ދެބަޔަކު ދޭތެރޭ ރުޅިވެރިކަންވާނަމަ އޮތީ ރިވެތި ގޮތުގައި ނުބައިކަން ދުރުކުރުމެވެ. ފަހެ، ތިބާގެ އަނބިމީހާއާއި މެދު މިގޮތަށް ކަންތައް ކުރަން ތިބާ ނޭދެން ހެއްޔެވެ؟ ފުއްޞިލަތު ސޫރަތުގެ 34ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (ادفع بالتي هي أحسن فإذا الذي بينك وبينه عداوة كأنه ولي حميم) މާނައީ: "އެންމެ ހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާއި އޭނާއާއި ދެމެދު ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވާނެތެވެ."
އެހެންކަމުން، ޙަޔާތުގެ ބައިވެރިޔާއާއި މެދު މިފަދައިން މުޢާމަލާތްކުރުން ކީއްތޯއެވެ؟ ރިވެތި ގޮތުގައި އޭނާއާއި މުޢާމަލާތްކުރާށެވެ. އެއީ އެންމެ ގާތް ހިތްހެޔޮ ތިބާގެ ޙަޔާތުގެ ބައިވެރިޔާއެވެ.
ތަރުޖަމާ: ޢާބިދާ މުއައްޔިދު ލިޔުއްވާފައިވާ ''ސުންނަތުއް ތަފާޟުލް'' މިފޮތުން ނެގިފައި
ލިޔުންތެރިޔާ
ހުޝާމާ އަޙްމަދު
މިހާތަނަށް ކޮމެންޓެއް ނެތް
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2