ފަހު މެޗުގައި ކުޑަހުވަދޫ އަތުން މުލަކަށް މޮޅެއް

4 months ago

ކުޑަހުވަދޫ އޮންލައިން

މިނިވަން ޗެމްޕިއަންޝިޕް ފަސްވަނަ ޒޯނުގައި މިއަދު ކުޅުނު މެޗު މުލައް ކާމިޔާބު ކޮށްފިއެވެ.

ފަސްވަނަ ޒޯންގެ ލީގު ބުރުގެ ފަހު މެޗު ކުޑަހުވަދުއާއި ވާދަކޮށް މުލައް ކާމިޔާބު ކުރީ 5-2 ގެ ނަތީޖާ އަކުންނެވެ.

މިއަދުގެ މެޗުގައި މުލަކަށް ގޯލް ޖަހައިދިނީ ޒާހިދު އިބްރާހީމާއި ހުސައިން ނިޒާމް އަދި އަލީ މުހައްމަދުގެ އިތުރުން މުހައްމަދު ހުސައިނާއި އިބްރާހީމް އަރީފެވެ. ކުޑަހުވަދޫގެ ދެގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އިސްމާއީލާއި އަހުމަދު ޝިނާޒެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކުގެ މުހައްމަދު ހުސައިނެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެސް ކުޑަހުވަދޫން ވަނީ ލީގު ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ހޯދާފައެވެ. އަދި އިއްޔެ ބިލެތްދުއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ފުލިދޫން ވަނީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައެވެ. އެހެންކަމަށް ވުމާއެކު މިއަދުގެ މެޗަކީ އެއްވެސް ޓީމަކަށް މުހިންމު މެޗެއް ނޫނެވެ.

މިއަދުގެ މެޗުން ބަލިވި ނަމަވެސް ކުޑަހުވަދޫ ފައިނަލަށް ދަތުރު ކުރީ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށާއި ފުލިދުއަށް ހަ ޕޮއިންޓް ލިބިފައިވީ ނަމަވެސް ކުޑަހުވަދުއަށް ކުރި ލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ.

ފަސްވަނަ ޒޯންގެ ފައިނަލްގައި ކުޑަހުވަދޫ އާއި ފުލިދޫ ބައްދަލު ކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.


މަސްދަރު:އެމްވީފޯރި

ކިޔުންތެރިންގެ ހިޔާލު