އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

1 year ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

1 year ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

1 year ago

ޙައްޖު މަހުގެ ފުރަތަމަ ދިހައިގެ މާތްކަން

2 months ago

ކުޑަހުވަދޫ އޮންލައިން

الحمد لله رب العالمين. اللهم صل الله وسلم على نبينا محمد وعلى آله وصحبه أجمعين.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން މިވަނީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުންކުރެ މައްސަރަކާ ބައްދަލު ކޮށްފައެވެ. ގުނެމުން މިދަނީ ޛުލްޙިއްޖާމަސް ނުވަތަ ޙައްޖުމަހުގެ އެންމެ މާތްވެގެންވީ ދިހަ ދުވަހެވެ. މިއީ އެދުވަސް ތަކާއިމެދު ﷲ ތަޢާލާ ހުވާކުރައްވާ ކީރިތި ޤުރުއާނުގައި އާޔަތް ބާވައިލައްވާފައިވާ ދުވަސްތަކެކެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿وَالْفَجْرِ (١) وَلَيَالٍ عَشْرٍ (٢)﴾ (سورة الفجر) މާނައީ: “ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.” އިބްނު ޢައްބާސް رضي الله عنهما ގެ ބަސްފުޅުން އެނގޭ ގޮތުގައި “ދިހަ ރޭ” އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހައަކީ ﷲގެ ހަޟްރަތުގައި އެންމެ މާތްވެގެންވާ ދުވަސްތަކެވެ. ﷲ ތަޢާލާވަނީ އަހަރުގެ އެހެން ދުވަސްތަކުގެ މައްޗަށް މި ދުވަސްތައް މާތްކުރައްވާ މަތިވެރި ކުރައްވާފައެވެ. އެހެންކަމުން އެދުވަސްތަކުގައި ކުރެވޭ ޢަމަލުގެ ޘަވާބު އެތައްގުނައެއް އިތުރުވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން އިބްނު ޢައްބާސް ރިވާ ކުރެއްވި ޙަދީޘް ބަސްފުޅެއްގައި ވެއެވެ. “ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء”[1] މާނައީ: “މިމަހުގެ (ޙައްޖުމަހުގެ) ދިހަ ދުވަހުގައި (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު) ކުރެވޭ ޞާލިޙް ޢަމަލަށްވުރެ، އެކަމަމަކާމެދު ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ޢަމަލެއް ދުވަސްތަކުގެ ތެރެއިން އެއްވެސް ދުވަހެއްގައި ނުވެއެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ ވެސް ތޯއެވެ؟ އެކަލޭގެފާނު -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެމީހެއްގެ އަމިއްލަ ނަފްސާއި މުދަލާއި އެކު (ޖިހާދަށް) ނުކުމެ އެއިން އެއްވެސް އެއްޗަކާއިގެން ނައިމީހާ މެނުވީއެވެ.”

އަދިވެސް އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” ما من عمل أزكى عند الله عز وجل ، ولا أعظم أجراً من خير يعمله في عشر الأضحى . قيل : ولا الجهاد في سبيل الله ؟ قال : ولا الجهاد في سبيل الله عز وجل ، إلا رجل خرج بنفسه وماله ، فلم يرجع من ذلك بشيء”[2] މާނައީ: “އުޟްޙިޔާގެ ދިހަ ދުވަސް (ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް) ފިޔަވައި ﷲގެ ޙަޟްރަތުގައި ރުއްސެވިގެންވާ، އަދި (އެދުވަސް ތަކުގައި ކުރެވޭ) ހެޔޮ ޢަމަލްތަކަށްވުރެ ލިބޭ އަޖުރަށްވުރެ، ބޮޑު އަޖުރު ލިބޭ ދުވަސްތަކެއް ނުވެއެވެ. ދެންނެވުނެވެ. ﷲގެ ޙަޟްރަތުގައި ޖިހާދު ކުރުމަށްވުރެވެސް ތޯއެވެ؟ އެކަލޭގެފާނު -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެމީހެއްގެ އަމިއްލަ ނަފްސާއި މުދަލާއި އެކު (ޖިހާދަށް) ނުކުމެ އެއިން އެއްވެސް އެއްޗަކާއިގެން ނައިމީހާ މެނުވީއެވެ.”

މިދަލީލުތަކާއި އަދި މިނޫންވެސް ދަލީލުތަކުން ބަޔާންވެ ޘާބިތުވާގޮތުން، ޙައްޖުމަހުގެ ފުރަތަމަ ދިހަޔަކީ އަހަރުގެ އެހެން ދުވަސްތަކުގެ މައްޗަށް މާތްކަމާއި މަތިވެރިކަން ލިބިގެންވާ ދުވަސްތަކެކެވެ. އެއީ ރަމަޟާން މަހުގެ ފަހު ދިހަޔަކަށްވުރެވެސް މާތްވެގެންވާ ދުވަސްތަކެކެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޭތަކަށްވުރެ މާތްވެގެންވާ ރޭތަކެކެވެ. އެއީ އެރޭތަކުން ރެޔެއްގައި ލައިލަތުލްޤަދުރި ވާކަމަށްޓަކައެވެ. އެއީ އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެކެވެ.

އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންގެ ކިބައިން އެދެވިގެންވަނީ، ﷲގެ ޙަޞްރަތަށް ނަޞޫޙު ތައުބާއަކުން ތައުބާ ވެގެންވާ ޙާލު މިދުވަސްތަކާ ބައްދަލުކޮށް މިދުވަސްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރުމެވެ. ތައުބާވެ ޞާލިޙް ޢަމަލު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި މިދުވަސްތަކުގެ ބޭނުން ހިފުމެވެ. ޢާންމުކޮށް ކުރަމުންއައި ހެޔޮ ޢަމަލުތައް މި ދުވަސްތަކުގައި އިތުރުކުރާޙާލު އަންނަނިވި ކަންކަމީ ތިމާގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލުމަށް ކޮށޭ މަގެއް ކަމުގައި ހެދިދާނެއެވެ.

1) ރޯދަ ހިފުން:

ރަސޫލުﷲ صلى الله عليه وسلم ވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ހެޔޮޢަމަލު ކުރުމަށް ހިތްވަރު ދެއްވާފައެވެ. ހެޔޮ ޢަމަލް ތަކުގެ ތެރެއިން އެންމެ މާތް ޢަމަލަކީ ރޯދަ އެވެ. ޤުދުސިއްޔަ ޙަދީޘްއެއްގައި ވެއެވެ. ” قال الله : كل عمل بني آدم له إلا الصيام فإنه لي وأنا أجزي به [3]“މާނައީ: “ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. އާދަމްގެ ދަރިން ކުރާ ޢަމަލުތަކުގެ ތެރެއިން ރޯދަފިޔަވައި އެންމެހާ ޢަމަލުތައް ވަނީ އޭނާއަށެވެ. އެކަން (ރޯދަ) ވަނީ ތިމަން ﷲ އަށެވެ. އަދި އެކަމަށް އަޖުރު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ.” ދެންފަހެ ޙައްޖުމަހުގެ ނުވަވަނަ ދުވަހު (ޢަރަފާތް ދުވަހު) ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” صيام يوم عرفه أحتسب على الله أنه يكفر السنة التي قبله والسنة التي بعده”[4] މާނައީ: “ޢަރަފާތް ދުވަހުގެ ރޯދައަކީ ފާއިތުވެދިޔަ އަހަރާއި އަންނަންއޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައި ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ.”

ޙައްޖުމަހުގެ ނުވަވަނަ ދުވަހު ރަސޫލުﷲ صلى الله عليه وسلم ރޯދަފުޅަށް ހުންނަވާކަމުގައި ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުންގެ ކިބައިން ހުނައިދާ ބްން ޚާލިދުގެ އަނބިކަނބަލުން ރިވާ ކުރައްވާފައި ވެއެވެ. “كان النبي صلى الله عليه وسلم يصوم تسع ذي الحجة ويوم عاشوراء وثلاثة أيام من كل شهر . أول اثنين من الشهر وخميسين[5] ” މާނައީ: “ރަސޫލުﷲ صلى الله عليه وسلم ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހާއި ޢާޝޫރާ ދުވަހާއި އަދި ކޮންމެ މަހަކުން ތިން ދުވަހު ރޯދަފުޅު ހިއްޕަވައެވެ. އަދި މަހުގެ ފުރަތަމަ ދެ (ހަފްތާގެ) ހޯމައާއި ފުރަތަމަ ދެ (ހަފްތާގެ) ބުރާސްފަތި ދުވަހު ރޯދަފުޅަށް ހުންނަވައެވެ.”

ދެންފަހެ ޢިދު ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން ދަންނައެވެ! ފަހެ އެއީ ރޯދަހިފުން ޙަރާމް ވެގެންވާ ދުވަސްތަކެކެވެ.

2) ތަކްބީރާއި ތަހްލީލާއި ތަޙްމީދު ގިނަ ކުރުން:

ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ ސުންނަތް ތަކުގެ ތެރޭގައި ތަކުބީރާއި ތަޙްމީދާއި ތަހްލީލް ގިނަކުރުން ހިމެނިގެން ވެއެވެ. މިސްކިތް ތަކުގައާއި މަގުތަކާއި މީހުން އެއްވެ އުޅޭ ތަންތަނާއި އެކަކު އަނެކަކާ ބައްދަލުވާއިރު އާއި މިނޫންވެސް، ﷲ ތަޢާލާގެ ޒިކުރުކުރުން ހުއްދަ ކޮންމެ ތަނެއްގައި މިކަން ކުރުން އެދެވިގެން ވެއެވެ. އެއީ ﷲ އަށް އަޅުކަން ކުރުން ފާޅު ކުރުމަށާއި ﷲ ތަޢާލާގެ މަތިވެރިކަން އިޢުލާން ކުރުމަށްޓަކައެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأنْعَامِ (٢٨)﴾ (سورة الحج) މާނައީ: “އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّهގެ اسمފުޅު ހަނދުމަކޮށް އުޅުމަށެވެ. نعمސޫފީގެ نعمة އެއުރެންނަށް ދެއްވިކަމަށްޓަކައެވެ.” ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުން “ކަނޑައެޅިގެންވާ ދުވަސްތައް” އެއީ ޙައްޖުމަހުގެ ދިހަ ދުވަހެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. “الأيام المعلومات : أيام العشر” މާނައީ: “ކަނޑައެޅި އެނގިގެންވާ ދުވަސްތައް: އެއީ (ޙައްޖުމަހުގެ) ދިހަ ދުވަހެވެ.”

ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ޢަބްދުﷲ ބްން ޢުމަރު رضي الله عنهما ރިވާކުރެއްވިއެވެ. “ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد[6]” އެދުވަސްތަކަކަށްވުރެ ﷲ ޙަޟްރަތުގައި މަތިވެރިވެގެންވާ، އަދި އެދުވަސްތަކުގައި ކުރެވޭ ޢަމަލަށްވުރެ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ޢަމަލެއް، މި ދިހަ ދުވަހުގައި ފިޔަވައި ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލާލި ތަކްބީރާއި ތަމްޙީދު ކިޔުން ގިނަ ކުރާހުށިކަމެވެ.”

ތަކުބީރު ކިޔާނެ ގޮތް: “اللهُ أَكْبَرُ، اللهُ أَكْبَرُ لاَإِلَهَ إِلاَّ اللهُ، وَاللهُ أَكْبَرُ وَلِلهِ الحَمْد” ނުވަތަ “اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا” ނުވަތަ “اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْد” މިއިން ކޮންމެ ޢިބާރާތަކުން ތަކުބީރު ކީކަމުގައި ވިޔަސް ފުދޭނެއެވެ.

ތަކުބީރުކިޔުން މިޒަމާނުގައި މިވަނީ ފަނޑުވެފައިވާ ސުންނަތެއް ކަމުގައި ވެފައެވެ. މިދުވަސްތަކުގައި ތަކުބީރު ކިޔޭ އަޑު އަޅުގަނޑުމެންގެ ރާއްޖޭގައި އެއްގޮތަކަށްވެސް ނީވެއޭ ދަންނަވަން ޖެހެނީ ހިތާމަޔާ އެކުގައެވެ. ރަސޫލުﷲ صلى الله عليه وسلم ގެ މި ސުންނަތް ދިރުވުމަށާއި އަދި މީސްތަކުން ޣާފިލްކަމުގެ ނިދިން ހޭލައްވާލުމަށްޓަކައި، ﷲގެ ޒިކުރުކުރުން ހުއްދަވެގެންވާ ކޮންމެ ތަނެއްގައި އަޑުހަރުކޮށް ތަކުބީރު ކިޔުމީ އެދެވިގެންވާ ކަމެކެވެ.

ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތެއް ދިރުވުމަކީ އެކަމުގައި ވަރަށް ބޮޑު ދަރުމައާއި ޘަވާބު އެކުލެވިގެންވާ ކަމެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “من أحيا سنة من سنتي قد أميتت بعدي فإن له من الأجر مثل من عمل بها من غير أن ينقص من أجورهم شيئاً”[7] މާނައީ: “ތިމަންކަލޭގެފާނުގެ ސުންނަތެއް މަރުވެފައި ވަނިކޮށް ދިރުވައިފިމީހާ އަށް އެޢަމަލު ކުރާ މީހާއާ އެއްފަދައިން އަޖުރު ލިބޭހުއްޓެވެ! އެއީ އެކަން ކުރާ މީހާގެ އަޖުރުން ބައެއް އުނިވުމަކާ ނުލައެވެ.”

ދެންފަހެ އިބްނު ޢުމަރާއި އަބޫ ހުރައިރާ رضي الله عنهما، މިދުވަސްތަކުގައި ބާޒާރުތަކަށް ނުކުމެ ވަޑައިގެން އަޑުހަރުކޮށް ތަކުބީރު ކިޔާކަމުގައި ޘާބިތުވެގެންވެއެވެ. ދެން އެހިނދު މީސްތަކުން އެބޭކަލުން އެކިޔާ ތަކުބީރު ކިޔާކަމުގައި ވެއެވެ. މިކަމުގެ މުރާދަކީ މީސްތަކުން ވަކިވަކިން ތަކުބީރު ކިޔައި އުޅުންކަން ދަންނަ ހުއްޓެވެ! އެއީ ހުރިހާ އެންމެން އެއްވަރަށް އެއްއަޑަކަށް ކިޔައި އުޅުމެން ނޫނެވެ. އަދި އެކަކު ކިޔުމުން އަޑުދަށުން އެންމެން ކިޔުމެއްވެސް ނުމެ ނޫންމެއެވެ. އެހެނީ އެއީ ޝަރުޢުގައި އެކަން އޮންނަ ގޮތެއް ނޫނެވެ.

3) ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން:

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކުރެވޭނެ އެންމެ ބޮޑު އަޅުކަމަކީ ޙުރުމަތްތެރިވެގެންވާ، ﷲގެ ގެކޮޅަށް ގޮސް ޙައްޖު ވުމެވެ. ﷲ ތަޢާލާގެ ގެކޮޅަށް ގޮސް، އެކަލާނގެ ވަޖްހަފުޅު އެދިގެން ޙައްޖުގެ މަނާސިކުތައް އަދާކުރުގެ ތައުފީޤު ﷲ ތަޢާލާ ދެއްވި މީހަކު، ﷲ ތަޢާލާގެ އިރާދަފުޅާއެކު ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިކަން ކަށަވަރެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “الحج المبرور ليس له جزاء إلا الجنة” މާނައީ: “މަބްރޫރު ޙައްޖުގެ ޖަޒާއެއް ކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.”

4) އުޟްޙިޔާ ކަތިލުން:

މިމަތިވެރިވެގެންވާ ދިހަ ދުވަހުގައި ކުރެވޭނެ އަނެއް ހެޔޮ ޢަމަލަކީ އުޟްޙިޔާ ކަތިލުމެވެ. އެއީ އެ ޤުރުބާނުގެ ސަބަބުން ﷲގެ ޙަޞްރަތަށް ކުއްތަންވުން ޙާޞިލް ކުރުމާއި އެކަލާނގެއަށް އިޙްސާންތެރި ވުމާއި ﷲގެ މަގުގައި މުދާ ހޭދަކުރުމަށްޓަކައެވެ.

އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ ވަރަށްވެސް މަތިވެރި ދުވަސްތަކަކާއެވެ. ﷲ ތަޢާލާ ޙުރުމަތްތެރި ކުރެއްވި މައްސަރު ތަކުގެ ތެރެއިން މަހަކާއެވެ. އެމަހުގައި އިސްލާމްދީނުގެ ފަސްވަނަ ރުކުން، އަދި އެންމެ މަތިވެރި ރުކުން އަދާކުރެވޭ މައްސަރާއެވެ. ޙައްޖުވުމާއި ރޯދަހިފުމާއި ޒަކާތް ދިނުމާއި ޞަދަޤާތް ކުރުންފަދަ އެންމެހާ އަޅުކަން އެއްތަންވެ ޖަމާވާ މައްސަރާއެވެ. މިމައްސަރު މިއީ އަޅުގަނޑުމެން ތައުބާ ވުމަށް ލިބުނު އަގުބޮޑު ފުރުޞަތަކަށް ހަދަމާތޯއެވެ! ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވަމާތޯއެވެ! ފާފަތަކުން ދުރުވެ ހެޔޮކަންތައް ތަކުގެ ގޮވައްޗަށް ދިއުމަށް އަވަސްވެގަންނަމާ ތޯއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނަ ޢީދަކީ ކެނޑިފައިވާ ގުޅުންތައް ޤާއިމްކޮށް އެކުވެރިވެ އެއްބައިވާ ދުވަހަކަށް ހަދަމާތޯއެވެ! ﷲ އަޅުގަނޑަށާއި އެންމެހާ މުސްލިމުންނަށް ތެދުމަގު ދައްކަވާ އެމަމުގައި ޘާބިތު ވުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!

الله أعلم

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. والحمد لله رب العالمين.

أخرجه البخاري 2/457 .

[2] رواه الدارمي 1/357 وإسناده حسن كما في الإرواء 3/398

[3] أخرجه البخاري 1805

[4] رواه مسلم

[5] أخرجه النسائي 4/205 وأبو داود وصححه الألباني في صحيح أبي داود 2/462

[6] أخرجه احمد 7/224 وصحّح إسناده أحمد شاكر

[7] أخرجه الترمذي 7/443 وهو حديث حسن لشواهده

“اللهُ أَكْبَرُ، اللهُ أَكْبَرُ لاَإِلَهَ إِلاَّ اللهُ، وَاللهُ أَكْبَرُ وَلِلهِ الحَمْد” ނުވަތަ “اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا” ނުވަތަ “اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْد”


މަސްދަރު: ދިއިސްލާމް ، އަހުމަދު ނާޒިލް މުހައްމަދު

ކިޔުންތެރިންގެ ހިޔާލު